25 October 2008
އައްޑޫ އަތޮޅުގެ ފަޚުރުވެރި ދަރި މުހައްމަދު އަސްލަމް އިއްތިހާދަށް ބައިއަތު ހިފާ އިއްތިހާދުގެ ކެންޑިޑޭޓް އެންޑޯޒް ކުރައްވައިފި

އައްޑޫ އަތޮޅުގެ ފަޚުރުވެރި ދަރި، މުޙައްމަދު އަސްލަމް ވަޠަން އެދޭ އިއްތިހާދަށް ބައިއަތު ހިފާ އިއްތިހާދުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެންޑޯޒް ކުރައްވައިފިއެވެ. އައްޑުއަތޮޅުގައި ރޭ ބޭއްވުނު އިއްތިހާދުގެ ޖަލްސާއެއްގައި ރަސްމީ ގޮތުން މުހައްމަދު ނަޝީދު އެންޑޯޒް ކުރެއްވުމަށް ފަހު ޖަލްސާގައި ޖޯޝާއި އުއްމީދުން ފުރިފައިވާ ބަސްތަކުން އައްޑުއަތޮޅުގެ ރައްޔިތުންނާއި މުޚާތަބު ކުރެއްވިއެވެ. އަދި މައުމޫނުގެ ވެރިކަން ވައްޓާލުމަށްޓަކައި ހުރިހާ ސިފައެއްގައި އިސްލާހަށް މަސައްކަތް ކުރެއްވުމުގައި ސާބިތުވެ ހުންނެވި ކަމުގައި ޔަގީންކޮށް ދެއްވިއެވެ.
ރޭގެ ޖަލްސާއަށް ފަހު އަމަލީ ގޮތުން މައިދާނަށް ނުކުންނަވާ ރައްޔިތުންނަށް ހިތްވަރު ދެއްވާ ވަޠަން އެދޭބަދަލަށް މަސައްކަތް ކުރައްވަމުން އޭނާ ގެންދަވަނީ އަމިއްލަ އެދުން ފުޅެއް ނެތިއެވެ. ހިތުގެ އަޑީންނެވެ. މުޅި އައްޑު އަތޮޅަށް އާރޯކަމަކާއި އުއްމީދުގެ އަލިކަމެއް ގެނެސްދެމުންނެވެ. މާދަމާރޭ މަރަދޫގައި އޭނާ ވާހަކަ ދައްކަވާނެއެވެ.
ރައީސް މައުމޫނު މިކަންކަމުން އިބުރަތެއް ހާސިލު ކުރައްވާނެ ނަމައެވެ. ހުދުމުޚުތާރު ވެރިކަމެއްގައި އަދުލު އިންސާފުން އެއްކިބާވެ ކުރެވެމުންދާ ކޮންމެ ވެރިކަމަކާއި ދެކޮޅަށް ރާއްޖޭގެ އުތުރާއި ދެކުނުގެ ކުދި ބޮޑު ހުރިހާ ރަށެއްގެ ރައްޔިތުން ތިބޭނީ އަތާއި އަތް ގުޅައިގެންނެވެ. އެކަކު އަނެކަކުގެ ކިބައިން ހިއްވަރުލިބިގެން ﷲގެ ހަޒުރަތުން ވާގި އެދިގެންނެވެ. މުހައްމަދު އަސްލަމަށާއި އޭނާގެ ސަޕޯޓަރުންނަށް ހިތުގެ އަޑީން ދިވެހި އާޒުވާނުންގެ ނަމުގައި ޝުކުރާއި ތަޢުރީފް ރައްދުކުރަމެވެ. ދިވެހި އާޒުވާނުންކުރެ ހަމަ އެކަކުވެސް މާތްﷲގެ ވާގިފުޅާއިއެކު ދެން އިތުރަށް އަނިޔާވެރިކަން ދިވެހި ފަސްގަނޑުގައި ހިންގާކަށް ތަނެއް ނުދޭނަމެވެ.