23 October 2008
ބޭ އިންސާފުގެ ދެތިންބަހަކުން އަންނިގެ ސަޕޯޓް ވައްޓައެއް ނުލެވޭނެ!!
(ސަންދާނު 85ވަނަ ޢަދަދުން)
ދިވެހި މުޖުތަމަޢަށް ފެތުރިފައިވާ ޚުދުމުޚުތާރިއްޔާ ނައްތާލުމަށްޓަކައި، ދިވެހި ޤައުމުގެ މިނިވަންކަމާއި ޑިމޮކްރަސީއަށްޓަކައި، ދިވެހި ރައްޔިތުންގެ ހަމަހަމަކަމަށްޓަކައި، މުޙައްމަދު ނަޝީދު އަންނި ކުރައްވާފައިވާ އަދި ކުރައްވަމުންދާ ބުރަ މިންނަތް މަސައްކަތާއި، ޤުރުބާނީއަކީ ދެމީހަކު ދެބަސްވާނެކަމެއް ނޫނެވެ. ހަމައެކަނި ދުލާއި ޤަލަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބެލިޔަސް، ހަމައެކަނި އިޙުސާސްތަކާއި ފިކުރުތައް ނެރެހާމަކޮށް އެކަކު އަނެކަކަށް ޙިއްޞާކުރުމުގެ ފުރުޞަތަށް ބެލިޔަސް އެންމެރަނގަޅެވެ.
ތިމަތިމާމެންގެ ޙާލަތު އެހެންމީހުންގެ ސަމާލުކަމަށް ގެނައުމުގެ ފަރުދީ މިނިވަންކަމަށް ވިސްނިޔަސް، ތިމާމެން ތަޙައްމަލުކުރާ ބޭއިންސާފާއި އަނިޔާވެރިކަން ޢަދާލަތުގެ މުއައްސަސާތަކުގައި ޖެހިލުންވުމެއްނެތި ހާމަކޮށް ކިޔައިދިނުމުގެ އިންސާނީ މިނިވަންކަމަށް ނަޒަރެއްދިނަސް، އަންނިގެ ޙިއްޞާ އާއި ޤުރުބާނީ އެކަންކަމާ ޝާމިލް ނުވެނުދާނެއެވެ. ޝައްކެއް ހުރިކަމެއްނޫނެވެ. ވަކިކަމަކަށް ގޮވާލުމަށްފަހު އަންނި ފިލާ އޮންނަވަނީއެއްނޫނެވެ. ފުރަތަމަ މީހާއަކީ އަންނިއެވެ. އެހެންމީހުން، ނުރައްކާތެރި ބާރުގެ ދަށަށް ފޮނުވާލުމަށްފަހު އަންނި އެއްފަރާތަކަށް ނުޖެހެއެވެ. ފުރަތަމަ ނުކުންނަވަނީ އަންނިއެވެ. ދިވެހި ރައްޔިތެއްގެ ދުލުން ހާމައަށް "ކިނބިގަސްދޮށުގޭ މައުމޫނު" ކިޔާފައިވަނީ ފުރަތަމަވެސް އަންނިއެވެ. ތިރީސް އަހަރަށް ދެމިގެންދާ ޑިކްޓޭޓަރޝިޕްގެ ބަތާނަނަގާ އެންމެންގެ ކުރިމަތީ، ދުލާއި ޤަލަމުން ބަޔާންކޮށްދިން ފުރަތަމަ ދިވެއްސަކީ ވެސް އަންނިއެވެ. ދިވެހި ރާއްޖޭގެ ޙާލަތުގެ ތަޞައްވުރު، ބައިނަލް އަޤްވާމީ ލޯތަކުގެ ކުރިމަތީގައި ކުރަހާލަ ދިނުމަށް ކެރުނު ފުރަތަމަ ރިފޯމިސްޓަކީވެސް ހަމަ އަންނިއެވެ.
އަންނިއަކީ، އިޞްލާޙީ މަސައްކަތުގައި ކުޑަވެސް ޖެހިލުމެއްނެތް ކެރޭ މުއާޠިނެކެވެ. ރައްޔިތުންގެ ހެވާ ލާބައަށްޓަކާ ޤުރުބާންވުމަށް ކުޑަކޮށްވެސް ފަސްޖެހުމެއްނެތް ސާބިތު ޚާދިމެކެވެ. ވަކިމީހެއްދެކެ ބިރުގަތުމެއް، ވަކިބާރެއްދެކެ ކަންބޮޑުވުމެއް، ފައިސާއަށްޓަކާ އިންސާފު އޮޅުވާލުމެއް، ޖާހަށްޓަކާ އަމިއްލަ ނަފްސު ހަނދާން ނައްތާލުމެއް، އަންނި ނުގެންގުޅުއްވައެވެ. އޭނާގެ ގެއެއްނެތެވެ. މުދަލެއް ނެތެވެ. ދިރިއުޅުއްވުމެއްވެސް ނެތެވެ. ފައިސާގެ ތަނަވަސް ކަމެއްވެސް ނެތެވެ. ޢާއިލީ ގަދަފަދަ ބާރުވެރި ކަމެއްވެސް ނެތެވެ. ހަމައެކަނި އޮތްއެއްޗަކީ ޤައުމީ ލޯތްބެވެ. ޤައުމަށްޓަކައި ޤުރުބާންވުމެވެ. ވަޠަނުގެ ޙައްޤުގައި ލެއިން އަގު ދިނުމެވެ. ވަޒަނުގެ ޚިދުމަތުގައި ޖާނުން ފިދާވުމެވެ. އެއީ، ދިވެހިންގެ ރުހުމާއި ތާއީދު ހޯއްދަވަން އެނގިވަޑައިގެން ފުރިހަމައަށް ހޯއްދަވާފައިވާ ދިވެހިންގެ މަދަދު ގާރެވެ. ދިވެހިންގެ ހަމްދަރްދު ގާރެވެ.
މިބަހާ ޚިލާފު ބަޙުސެއް ނެރޭނީ ކޮން މައުޟޫއެއްގައި ހެއްޔެވެ. ޢިލްމެއްނެތޭ ބުނާނީ ހެއްޔެވެ. ދޫނުހެލެޔޭ ގޮވާނީ ހެއްޔެވެ. ޢާއިލީ މާޟީގެ ބަދުނާމުން، އަންނިގެ ކަރާމާތާއި މުސްތަޤްބަލްގެ ކެރިއަރު ހަޑިކޮށްލުމަށްޓަކާ އިންޓަވިއުދޭނީ ހެއްޔެވެ. ނޫނީ ބޭއިންސާފު ޢަދާލަތު ހިންގައި، ހަމައެއްނެތް ޝަރުޢީ އަދި ޤާނޫނީ އުޤޫބާތްދީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ބަލިކޮށްލި ދުވަސްތައްް ގުނާނީހެއްޔެވެ.
ރައީސުލް ޖުމްހޫރިއްޔާކަން ކުރުމުގެ ޝަރުތަކީ، ޕީ.އެޗް.ޑީ ބާވައެވެ. ނޫނީ މާސްޓަރސް ބާވައެވެ. ނޫނީ ބީ.އޭ ނުވަތަ އަލްއުސްތާޛު ނުަވަތަ ފަޟީލަތުއް ޝައިޙު ބާވައެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުން، ޤައުމަށްޓަކައި ޙަޤީޤީ ބިނާކުރަނިވި އިޚުލާޞްތެރި ޚިދުމަތެއް ދެވޭނީ ހަމައެކަނި ޑޮކްޓަރ ނުަވަތަ އަލްއުސްތާޛު ނަމުގެ ކުރިޔަށް އައިސްގެން ކަމަށް ވަންޏާ އިތުރު އެއްކަމެއްވެސް ކުރާކަށް ނުޖެހޭނެއެވެ. ތިރީސްއަހަރު ހުންނެވި ސާހިބު މަނިކުފާނު ބަހައްޓަންވީއެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ މޮޅު ޢިލްމީ ފާހެއް އޮވެގެން ކުރެވޭކަމަކަށް ވަންޏާ، އެމެރިކާގެ ރިޔާސީ ކެމްޕޭން ވަޤުތުން ހުއްޓާލަންވީއެވެ. އެހެނަކުންނޫނެވެ.
މަހާތުމާ ގާންދީއަކީ ޤާނޫނީ ވަކީލެކެވެ. މަންޑޭލާއަކީ އެއަށްވުރެ މާދަށް ބޭފުޅެކެވެ. ޖޯޖް ވޮޝިންޓަނަކީ އާދައިގެ ސިފައިންގެ މީހެކެވެ. ބޮޑުތަކުރުފާނަކީ ރަށެއްގެ ކަތީބެކެވެ. ދޮންބަންޑާރައިންނަކީ އާދައިގެ ރައްޔިތެކެވެ.އެބޭފުޅުންގެ ނިސްބަތުގައި މިތަޢާރަފަކީ ފަޚުރެއްކަމަށް ނޫނީ ނުވާނެއެވެ. އެޙައިޞިއްޔަތު، އެބޭފުޅުންގެ ޤައުމީ ޚިދުމަތާ ނިސްބަތްކޮށް އެއްފަސް ކުރާއިރު، އެބޭފުޅުންގެ ޝަރަފާއި އިއްޒަތް އޮންނަނީ ސަތޭކަ ޕަސެންޓަށް އުފުލިފައެވެ. އިންސާނިއްޔަތާ ދީނާ ޤައުމުގެ ދިފާޢުގައި ނުވަތަ ޙައްޤުގައި ޢަދާވާތްތެރި ބާރުތަކާއި، އިދިކޮޅު ދުޝްމަނީ ޙަމަލާތައް އިންދިރާސް ކޮށްލުމަށްޓަކާ، ނަފްސާއި ރޫޙުން ޤުރުބާންވުމަކީ، ކެރުމާއި ސާބިތުކަން ހުންނަ ހިތްވަރުގަދަ މުއާޠިނުންގެ ކަމެކެވެ. ނަމުގެ ކުރިޔަށް ރީތި ލަޤަބެއް އައުމަކުން ލިބިގަނެވޭނެ ކަމެއް ނޫނެވެ.
އެއްވެސް އިންސާނަކީ ހަފަރާތުން އިއްތިފާޤުވާނެ މީހެއްނޫނެވެ. ސައްޔިދުނާ ޢުމަރުގެ ފާނު ޝަހީދު ކޮށްލީ، އެކަލޭގެފާނު ކުރެއްވި ޙުކުމަކާ ދެކޮޅުހެދި މީހެކެވެ. ސައްޔިދުނާ ޢަލީގެފާނު ޝަހީދު ކޮށްލީ، ރީތި ދޮން ޒުވާން އަންހެން ކުއްޖަކުގެ އިޝްޤީ ޖަޒުބާތުގައި މޮޔަވެގެންދިޔަ ފިރިހެނެކެވެ. އަންނިއާ ދެކޮޅަށް، އޭނާ ދެކެ ޒާތީރުޅި އޮންނަ، ނުވަތަ އޭނާގެ ވާދަވެރިޔަކަށް ސަޕޯޓުކުރާ ފަރާތަކުން، އަންނިއަކީ ޚުދުމުޚުތާރު މީހެކޭ ބުނާބުނުމަކީ، އަންނިގެ މަޤްބޫލުކަމަށް އެއްވެސް ބުުރުލެއް އެރުވޭނެކަމެއް ނޫނެވެ. އަންނިއަކީ، ކެނެރީގޭ މިވެނި އެއްޗެކޭ ބުނާބުނުމަކީ، އަންނިގެ މަޝްހޫރުކަމަށް ކުޑަވެސް ބަދަލެއް ގެނެވޭނެ ކަމެއްނޫނެވެ. އެކަން އެހެން އޮތުމަކީ، ޑިމޮކްރަސީގެ އަޞްލެވެ. ފާޑުކިޔުމަކީ ކުރިޔަށް ދިއުމަށް މަގު ފަހިވާނެ ކަމެކެވެ. ނަމަވެސް، ބަހެއް ބުނާއިރު، މާޙައުލާއި، ޒަމާނާއި، މަޤާމަށް ބަލަންޖެހޭނެއެވެ.
މިއަދަކީ، ދިވެހިރާއްޖެ ތަޙައްމަލްކުރާ ބޮޑުވެގެންވާ މުޞީބާތުން ސަލާމަތް ވުމަށްޓަކާ، އިޞްލާޙީ އެންމެން އަތުގުޅާލަން ޖެހޭ ދުވަހެވެ. އެންމެ އެކުވެރި އެކަތި ގަނޑަކަށް ވާންވީ ދުވަހެވެ. ފިތުނަޔާއި ބައިބައިވުން އެއްފަރާތުގައި، ކޮންމެ މީހަކުވެސް އެމީހެއްގެ ޙައިޞިއްޔަތުން ޤައުމީ ޖިހާދުގައި ސާބިތު ވާންވީ ދުވަހެވެ. ޤައުމީ އިއްތިޙާދުގެ އަޚުވަންތަކަން ނަގާލަން ވީ ދުވަހެއްވެސް ނޫނެވެ. މިއަދު ހިނގަންވީ "ވަޠަން އެދޭގޮތަށެވެ" މިއަދު ހިނގަންވީ ވަޠަންގެ އިލްތިމާސްތަކަށް އެންމެންވެސް "ހެޔޮހިތުން އިޖާބަ ދިނުމަށެވެ." މިއަދުގެ ޝިޢާރަކީ "ލައްބައިކައޭ ޖަވާބުދީ ޤުރުބާން ވެދާނަމޭ" އޮންނަ ޝިޢާރެވެ.
މިއަދު، ހުރިހާ ރިފޯމިސްޓުންގެ ސަފުތައް ވަރުގަދަ ކުރަންޖެހެއެވެ. "ޤައުމެއް ދިރޭނީ ޤައުމުގައި ދިރޭ ރޫޙެއް ހުރެގެންކަން" ދަންނަން ޖެހެއެވެ. މިކަމަށް، ކެރިހުރެގެން އަންނި ގޮވާލައްވައެވެ. އެއީ ޤައުމީ ޖިހާދެވެ. ޤައުމީ ޚިދުމަތެވެ. އެސީދާ ޙަޤީޤަތް ދިވެހި ރައްޔިތުން ހިތުގެ އަޑިން ޤަބޫލުކުރެއެވެ. ވީއިރު، ބޭއިންސާފު ދެތިންބަހުން އަންނިގެ ސަޕޯޓު ވައްޓާލެވޭނީ ކިހިނެއްހެއްޔެވެ.