<< Back to Home Page

22 October 2008

މައުމޫނު ވޯޓު ހޯދުމަށް ދެން ކުރަންހުރި ކަންތައްތައް

30 އަހަރުގެ އަނިޔާވެރިކަން ނިމުމަކަށް އަތުވެދާނެހެން ހީވުމުން ދެން ނުކުމެ ފޫގެޅިޔަކަސް އަދި ކަމަރު ބަނަކަސް ފަރަކު ޖެހޭކަށްނެތެވެ. މަރސިޑީޒް ކާރުކޮޅު ގޭގަ ޕާކް ކޮށްފަ ނުކުމެ ޓެކްސީ ކުރާ ޑްރައިވަރުންނާ ބައްދަލުކޮށް ހަދާ ޓެކްސީ ގައި ގަނޑުވަރަށް ވަޑައިގަތުމުން ޒަޢީމުއަށް ހުރިހާ ޓެކްސީ ޑްރަިވަރުންގެ ވޯޓު ކަށަވަރު ވެއްޖަކަމަށް ހީފުޅުވެގެން އެރޭ އަވަހާރަފުޅު ލެއްޕެވޭ ވަރުވެސް ނުވެއެވެ. ދެންފަހެ މިހިރީވެސް ބައެއް މީހުން އުޅޭ ވައްތަރު ވިއްޔާއެވެ. މިހެންވެސް ވެދާނެއެވެ. މިހާރު އަނެއްކާވެސް ތުއްތު ކުދިންގެ ވިސްނުމަށް ސިކުނޑި މަސައްކަތްކުރާ ޢުމުރަށް ދިޔައިމާ މިހެންވެދާނެއެވެ.

ޒަޢީމޫއެވެ. އަދި ކަމަކު ދާކަށްނެތެވެ. ތިޔަހެން ރާހިބަލަބަލަ ހުއްޓާ އެއޮތްގެން ޒަޢީމުގެ އަތްތަދަށުގައި ލިބެން ހުރި އެތިކޮޅުވެސް ދޫވަނީއެވެ. ތިޔަހެން އުޅުއްވަނިކޮށް ފޮށި ތަންމަތި ތައްޔާރުކުރަންވެސް ވަޤުތު ނުލިބޭނެއެވެ. މިމަހުގެ 19ވަނދުވަހުގެރޭގެ އެމިރޭޓްސް ގެ ފްލައިޓް (އީކޭ599) އިން މިއުޅޭ މުންދޫދު ލައްވާ ބޭރުކުރި ފޮށިތަކުގައި އެހެރީ އަންނައުނު ކޮޅު ހެއްޔެވެ. ނޫނީ ޤައުމުން ހުސްވެގެން މިއުޅޭ ޑޮލަރު ކޮޅުހެއްޔެވެ؟ ތިހާ އަވަހަށް އަދި ތެޅިގަންނާކަށް ނުވެއެވެ. އަދި ވަސްގަދަ ފަސްއަހަރު އޮތީ ނޫންހެއްޔެވެ. ކޮއްކޯފުޅު ޔާމީން އެހުންނެވީ ދެވަނަ ގާސިމެއް އުފެދުނަ ނުދޭން ނިޔަތް ގަނެގެނެވެ. މިކަން ޒަޢީމުއަށް ކާމިޔާބުވާނެކަމަށް ޒަޢީމުގެ ކަހީނު ކަލޭގެ ބުނާއިރުވެސް ހަމަ ތިޔަހެން ހާސްވެގެން ގަނޑުވަރުތެރޭ ޑޮކްޓަރުން ބައިތިއްބައިގެން ދެގަޑިން ދެގަޑިން ޕްރެޝަރ ޗެކްކުރާން ވޭހެއްޔެވެ.

ޒަޢީމޫއެވެ. ވޯޓުކޮޅު ހޯދަން އަދި ތިއުޅުއްވާ ގޮތްކޮޅު ކަމަކު ދާކަށްނެތެވެ. ކަހީނުކަލޭގެ މިކަން ކުރަންވީގޮތް ބުނެ ނުދިނެއްކަމަކު އަހުރެންވާ ތިޔަކަމަށް އޮތް އިތުރު ކަންކަން ކިޔާދީފާނަމެވެ. ދެން ނިކަން ބަސްއަހައިގެން މިކަންކަން ކުރައްވާށެވެ. ތުއްތު އުމުރު ގެ ސިކުނޑިއަށް ވިސްނޭނީ މަޑުމަޑުން ކިޔައިދީ ވިސްނައިދިނީމައެވެ. އެހެންވީމާ އަޑުއަހާށެވެ.

މާލޭގެ އެކިއެކި ސަރަޙައްދު ތަކުގައި އެހެރަ ގާޑިޔާތަކަށް ނަޒަރު ހިންގާލީމުހެއްޔެވެ. ވަރަށް ގިނަމީހުން ފިނިބުރަށް ނުކުމެ އެގާޑިޔާތަކުން ކުރުނބާ ބޮއި ހަދައެވެ. އަދި ވަރަށް ޚާޢްޞަކޮށް މީރު ބިލެތްގަނޑު ކާން މިއުޅޭ އެއިޓީން ޕްލަސްތައް ދެއެވެ. އެއްދުވަހު ނިކަން މީގެން ގާޑިޔަލެއް ކައިރީ ބިލެތްގަނޑު ހައްދަވާ ދެއްވަން މަޑުކޮށްލައްވާށެވެ. އަނެއްދުވަހު ކުރުނބާ ހެއްދެވުންވެސް ހަމަ ރަނގަޅުވާނެއެވެ. ފިސާރި ވޯޓު ލިބިވަޑައިގަންނަވާނެއެވެ.

ޒަޢީމޫއެވެ. ތިޔަފެނިވަޑައިގަންނަވާ ހުވަފެންތައް ތަފްޞީރު ކުރަން އިންޑިއާގެ ކަހީނުންނާ ޙަވާލުކުރުމަކުން ވާނެކަމެއްނެތެވެ. އަންބަރީ މެންވެސް މިހާރު ދައްކާނީ މުޅިންދޮގު ވާހަކައެވެ. ޒަޢީމުއަށް އެމީހުން ކޮޅުކެހިދޭނެއެވެ. ތިޔަފެންނަ ލޭފެންގަނޑުން އަތްދޮވުމާ ބެހޭގޮތުން ކުރެވެން އޮތްކަންތައްވެސް ބުނެދީފާނަމެވެ. ތިކަމާ މާޔޫސްވެ ވަޑައިނުގަންނަވާށެވެ. ތިޔައީވެސް ވޯޓު ހޯދުމަށް ފެންނަ އިތުރު މަގެކެވެ. މަސްމާރުކޭޓަކީީ އެންމެ ގިނަމީހުން އެއްތަނަކަށް ޖަމާވެ އުޅޭ ތަނެވެ. އެއްދުވަހު މަސްކަނޑާ މީހުންނާއެކު އެކަމުގައި ހޭދަކޮށްލައްވާށެވެ. ރަނގަޅުވާނެއެވެ. ނަމަނަމަ މާމިޔަތޫނު ވަޅިއެއްގައި ނުހިއްޕަވައްޗެވެ. ދެވަނަޔަށް ކުރައްވަންވީ ކަމަކީ ގޭގެއަށް މަސްގެންގޮސްދިނުމެވެ. ނާޞިރާއަށް އެއްދުވަހުގެ ޗުއްޓީ މިކަންވެސް ކޮށްދެއްވީމާ ދިވެހިންގެ ހިތުން މަނިކުފާނަށް ގެއްލުނު ތާޢިދު ހޯދުމަކީ ދާދި ފަސޭހަކަމެކެވެ. އެހެންނަމަވެސް ހަނދުމަ ނެތިކޮށް ނުލައްވައްޗެވެ. މީގެން ކޮންމެ ފަހަރަކުވެސް ތިމަންނާއަށް ވޯޓެއް ދެއްވާށޭ ވިދާޅުވެ އަތްޕުޅު އުފައްލަވާލައްޗެވެ.

ޒަޢީމޫއެވެ. ކޮއްކޯފުޅާ ދެކުދިންވެގެން ހަދާފަ އޮތް ޑީލް ފަޅާއެރީމާ އެއީ މާބޮޑުކަމަކަށް ވެގެން ތެޅިފޮޅެނީ ކީއްކުރަންހެއްޔެވެ؟ ދެން އެހެރީ ފަޅާއަރާނެ ކަންކަން މަނިކުފާނަށް ވިސްނިވަޑައިގަންނަވާ ވުރެއްވުރެ ސިކުނޑުފުޅު މުސްކުޅިފުޅުވެއްޖެއެވެ. އެކަމާ ފިކުރު ނުކުރައްވާށެވެ. އަދި ހަމަ ކުރިޔަށް އޮތީ ފަޅާއެރުމެވެ. ޢާދިލް ސަލީމް ފަދަ އެތައް ސަލީމެއް އަދި ކުރިމަތިވާނެއެވެ. އެކަމާ ފިކުރުކުރުން އެއްކިބާ ކުރައްވާ ވޯޓު ހޯދަން މަސައްކަތް ކުރައްވާށެވެ. ހަމަ ޢާދިލް ސަލީމެއް އުފަންވާއިރަށް ދަންވަރެއް ފަތިހެއް ބައްލަވާނެ ކަމެއްނެތެވެ. ރައީސް އޮފީހުގެ ތަޅުދަނޑި އެބައޮތެއް ނޫންހެއްޔެވެ. ހަމަ އެންމެ ސިޓީއަކުން އެކަން ނިންމާލީމާ އެއޮތީ ވެފަނޫންހެއްޔެވެ. އަދި އެއްކަންތައް ކުރެއްވުން މުހިންމެވެ. މިހާރަކަށް އައިސް ދިވެހިން ވަރަށް ނުކެރޭ ބަޔަކަށްވެއްޖެއެވެ. ގޭގެއިން ކުނި އުފުއްލަން ވެސް މިޖެހެނީ މަނިކުފާނުގެ ނުހަނު ލޯބިވާ ބަންގާޅީ ކުދިންނަށެވެ. އެއްދުވަހު އެކަމަށް ވަޤުތު ޚާއްޞަ ކުރައްވާށެވެ. މާލޭގެ ގޭގެއިން ކުނިކޮތަޅުތައްވެސް އުކާލަދެއްވޭ ފަދަ ކެރޭ މީހެއްކަން ނިކަން ދައްކާލާށެވެ. މިހިރީ ހަމަ ވޯޓުލިބޭނެ ފުރުޞަތުތަކެވެ. އަދިވެސް މިފަދަ އެތައްކަމެއް އެބަހުއްޓެވެ. ދެން އެހެން ފުރުޞަތެއްގައި ދެވަނަ ބައި ގެނެސްދޭނަމެވެ. ހިތްވަރު ކޮށްފައި ހަމަ އެންމެން ނަގާ މައުންޓް އެވަރެސްޓަށް އަރުވާށެވެ. އެވަރުގެ އުސްމިނެއް ދިވެހިންނަށް ދައްކާށެވެ. ދެން ފަހަތުގައި މަނިކުފާނަށް ބައިއަތު ހިފައިގެން ތިބި ބައިގަނޑު ލައްވާ އެއަކަލަ އަތްތިލަތައް އުފުއްލާ އެންމެން ކޮއްޕާ ގަޅުވާ ތިރިޔަށް ވައްޓާލާނީއެވެ. އެކަމަކު މިކަން ކުރެއްވޭނީ ހުވަފެނެއްގައިކަން ހަނދުމަ ނެތިކޮށް ނުލައްވާށެވެ.