21 October 2008
ވަތަންގެ އަންހެން ދަރީންނެވެ!!!
އައިޝާ ޝެރީން
ވަޠަންގެ އަންހެންދަރީންނެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި މިވަނީ ބޮޑު އިމްތިޙާން އެކެވެ. 28 އޮކްޓޫބަރުގައި އަޅުގަނޑުމެން މިނިންމާ ނިންމުމަކީ އެތައްގޮތަކުން ފިކުރު ކުރަންޖެހޭ ނިންމުމެކެވެ. އަޅުގަނޑުމެންގެ ނިންމުމަކީ މިޤައުމުގެ ނިންމުމެވެ. އެހެނީ ހަމަ ކޮންމެ ދިވެހި ދަރިއެއް އުފަންކުރީ އަޅުގަނޑުމެންގެ ތެރެއިން އަންހެނެކެވެ.
ވިސްނާ ފިކުރު ކުރާ ކޮންމެ ސިކުނޑިއަކަށް މިއަދު ޤައުމު އޮތް ޙާލަތު ވަރަށް ރަނގަޅަށް ތަޞައްވަރު ކުރެވޭނެއެވެ. ޤައުމުގެ ފިރިހެންދަރިން މިއަދު މައިދާނުގައި ނުކުމެ އަތުކުރި އޮޅާލައިގެން އެތިބީ މިޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭތޯއެވެ. މީގެން ކޮންމެ ފިރިހެންދަރިއެއްގެ ފަހަތުގައި އަޅުގަނޑުމެންގެ ތާޢީދާ، ތަރުޙީބާ އެއްބާރުލުން ހަމަކޮންމެ ގޮތަކުން ފޯރުކޮށްދޭން ޖެހެއެވެ. އެފިރިހެން ދަރީންގެ ސަފުގައި އަޅުގަނޑުމެންގެ އަންހެންދަރިންވެސް ރުކުރުވާލަން ޖެހޭ ވަޤުތު ޖެހިއްޖެއެވެ. އަނިޔާވެރިކަމާ ކެކުޅުމުގައި އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ދަރިން ހޭދަކުރި ދުވަސްތަކުގެ ވޭންދެނިވި އާހްގެ އަޑު އަޅުގަނޑުމެންނަށް ވުރެ ބޮޑަށް އިޙުސާސް ކުރެވޭނެ ބަޔަކު ނުވާނެއެވެ. މިފަހަރު ގެ ރިޔާސީ އިންޠިޚާބުގައި އަޅުގަނޑުމެން 30އަހަރުގެ މި އަނިޔާވެރި ވެރިކަމަށް ނޫނެކޭ ބުނެ މިޤައުމަށް ހެޔޮއެދިގެން ފާތިލަ ސާބިތު ކުރުމުގެ ވަޤުތު މިހާރު ޖެހިއްޖެއެވެ.
މި ޤައުމުގެ އަންހެންދަރިންގެ ސަފުގައި ހުރެގެން އެންމެހާ އަންހެންދަރިންނަށް ގޮވާލަމެވެ. މިފަހަރު އަޅުގަނޑުމެން މައުމޫނަށް ނޫނެކޭ ބުނާށެވެ. އަޅުގަނޑުމެން ގެ ބަނޑުން މިޤައުމަށް އުފަންކުރި އެންމެހާ ދަރިންގެ ތެރެއިން %60 އިންސައްތަ އަށްވުރެ ގިނަ ދަރިންނަކީ ކްރިސްޓިއަނުންކަމަށް މި ޤައުމުގެ ހުންގާނުގައި ހުރި ވެރިމީހާ އެވަނީ އިޢުލާން ކޮށްފައެވެ. އަޅުގަނޑުމެންނަކީ އެދަރިން ގެ ދުލުގައި ޝަހާދަތުގެ ކަލިމަ ލައްވައިދިން މައިންނެވެ. އެދަރިން ހެޔޮގޮތުގައި މަތިވެރި އިސްލާމް ދީންގެ ހިދާޔަތުގައި ބޮޑެތިކުރުމަށް އަހުދު ކަށަވަރު ހިފައިގެން ތިބި މައިންނެވެ. މިޤައުމުގެ ވެރިކަމުގައި ދީނީ ޢިލްމުވެރިއަކު ހުންނަވައިގެން ކަންކުރެއްވި މަތިވެރި އުޞޫލުތަކާ ސަބަބުތަކުން ޤައުމުގެ އަޅުގަނޑުމެންގެ ދަރިން މިއަދު މަސްތީ ޢާލަމެއްގައި އޮޔާބެހިގެން ދާއިރު އަޅުގަނޑުމެންނަށް ބަލަން ތިބުންނޫން ކުރެވުނު ކަމެއް ކޮބައިތޯއެވެ. އަޅުގަނޑުމެންގެ އަންހެންދަރިންގެ ތެރެއިން އެތައް ދަރިންނެއް އެމީހުންގެ ޢިއްފަތްތެރިކަމުގެ ފޭރާމުން ބޭރުވެ، ކަސްބީ އަންހެނުންގެ ގޮތުގައި އޮޔާބެހިގެން ދާންޖެހުނީ މަތިވެރި އިސްލާންދީންގެ ރިވެތި ޘަޤާފަތް މި ޤައުމުން ނައްތާލެވުނީމައެވެ. މިފަދަ ކޮންމެ އަނިޔާވެރިކަމަކާމެދު ފިކުރުކުރާ ބައެއްކަމުގައި އެންމެ ބޮޑަށްވާނީ އަޅުގަނޑުމެން އަންހެން ދަރީންނެވެ. އިސްލާމް ދީނުގެ މަތިވެރި ނޫރުން ޤައުމު އުޖާލާ ކުރެވޭފަދަ ފިރިހެންދަރިން މިޤައުމަށް އުފަންކުރީ އަޅުގަނޑުމެންގެ ބަނޑުންނެވެ. އެ ފިރިހެންދަރިން އުނގެނި ފަތުރަން ބޭނުންވި ރިވެތި އިސްލާމް ފޭރާމުން އެމީހުން އަތުން ފޭރިގަނެ، ޖަލުގެ ވޭންދެނިވި އަނިޔާންތަކަށް ހުށަހެޅިގެން ދިޔަކަން އަޅުގަނޑުމެންގެ ހިތުން ފިލާދާނެހެއްޔެވެ. މަތިވެރި އިސްލާމްދީނޭ ވިދާޅުވާ މިޤައުމުގެ އެންމެހާ ބާރުތަކެއް ލިބިހުންނެވި އުޘްތާޛަކު ކާފިރު ކަމުގެ އެންމެހާ އާދަތައް މި ޤައުމުގައި އަށަގަންނުވާ މިޤައުމުގެ ދަރިންގެ ފަސްބައިގައި ބަދުނާމުގެ ލައްތައް ލައްވާއިރު އަޅުގަނޑުމެންނަށް ދެން ބަލަން ތިބެވޭކަށްނެތެވެ.
މިއަދުގެ ޙާލަތާމެދު ހެޔޮވިސްނާ ކޮންމެ ސިކުނޑިއަކަށް ޢިބްރަތުގެ ދަރުސްތަކެއް ލިބޭނެއެވެ. އަޅުގަނޑުމެން އަންހެން ދަރިންނަކީ މިޤައުމުގެ ކޮންމެ ދިމާއަކަށް ދަރިން އުފަންކުރި މީހުނެވެ. ކަނޑުމަތީ ރެޔެއްދުވާލެއް، އައްވެއް، ވާރެއް ނެތި ބުރަ މަސައްކަތުގައި ވަޤުތުތައް ހޭދަކުރާ ދިވެހި މަސްވެރި ފިރިހެންދަރިންނަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް އަންހެނެއްގެ ދަރިއެކެވެ، ފިރިއެކެވެ، ބައްޕައެކެވެ، ބޭބެއެކެވެ، ނޫނީ ކޮއްކޮއެކެވެ. އަޅުގަނޑުމެން އެ މީހުނަށްޓަކައި ރެޔާދުވާލު އިންތިޒާރުކުރަމެވެ. އެމީހުންގެ ބުރަމަސައްކަތުން ކައިބޮއި ހަދަމެވެ. ދަރިންގެ މުސްތަޤްބަލަށް ތަޞްވީރު ކުރަހަނީ އެމީހުންގެ ލެޔާ ދަލާ އޮހުރުވައިގެނ އެހޯދާ ކުޑަކުޑަ އާމްދަނީގެ މައްޗަށް ބަރޯސާ ވެގެންނެވެ. އެހެންނަމަވެސް އެއް އުސްމިނުން އަނެއް އުސްމިނަށް ޤައުމު ގެންގޮސް ދެއްވާ އާއުސް މިންތަކަކަށް ޤައުމު ގެންގޮސްދޭން ވަޢުދުވާ ވެރިންގެ ޢަމަލުތަކުން އަޅުގަނޑުމެންގެ ޙާލަތު ބަދަލު ނުވިތާ އަޑިނޭނގޭ ފުން ވަޅުގަނޑަކަށް އަޅުގަނޑުމެން ވެއްޓޭ ހިސާބަށް ގާތްވެވިއްޖެއެވެ. ޤައުމުގެ ދަރިންނޭވެ. ނިދިފައި ތިބި ބައެއްކަމުގައި އަޅުގަނޑުމެން ނުވަމާހެވެ. ހޭލާށެވެ. އަދި ނިދިފައި ތިބި އެންމެން ހޭލައްވާށެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ އަންހެންދަރިއަކުވެސް ނިދިފައިވާ ނިދިން ހޭލެއްވިއްޖެނަމަ އެހޭލެއްވުނީ ޢާއިލާއެކެވެ. ސަލާމަތުގެ އައްސޭރިއަށް އަޅުގަނޑުމެންގެ ޤައުމު ގެންދިއުމަށް އަވަހަށް ތެދުވާށެވެ.
އޭ މިޤައުމުގެ އަންހެންދަރީންނެވެ. މިއީ އަޅުގަނޑުމެންގެ ބިމެވެ. އެބިމެއްގައި އަޅުގަނޑުމެންގެ ބަނޑުން އުފަންކުރި ދަރިން ދިރިއުޅޭ ބިމެވެ. އަޅުގަނޑުމެންގެ މިވަޠަންގެ ދިދަ ރައްކާތެރި ކުރުމަށް އަހުދު ކަށަވަރު ހިފައިގެން ތިބ މިޤައުމުގެ ލަަޝްކަރީންނަށް ގޮވާލަމާހެވެ.. އަޅުގަނޑުމެންގެ މި ވަޠަން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް މިކުރާ ދަތުރުގައި މިޤައުމުގެ އަންހެދަރިންގެ ފަރާތުން ނަޞޭޙަތްތެރިވަމެވެ. ތީގެން ހަމަ ކޮންެމެ ދަރިއަކު އުފަންކުރީ މިޤައުމުގެ އަންހެންދަރިންނެވެ. މިޤައުމުގެ ހެވާލާބަޔަށް އަޅުގަނޑުމެން ނޭދި އެދޭނީ ކޮންބައެއް ހެއްޔެވެ. މިޤައުމު ގެ ދިދަ އަކީ ވަކި މީހެއްގެ ޙިމާޔަތަށް އުފުލޭ އެއްޗެއްކަމުގައި ޒަމާންތަކެއް ހޭދަވެއްޖެއެވެ. ތީގެން ކޮންމެ ފިރިހެންދަރިއަކުމެ ރަނގަޅަށް ދަންނާނެއެވެ. މި ޤައުމުގެ މައިން، މިޤައުމުގެ އަންހެންދަރިން މިޤައުމުގައި ބާޒާރުގެ މުދަލަށްވުރެ އަގުހެޔޮ ވެއްޖެއެވެ. ނީލަންކިޔާ ބާމުދަލާ ހަމަހަމަ ވެއްޖެއެވެ. މި ޤައުމުގެ އަންހެންދަރިންގެ ބަނޑުން އުފަންކުރި ދަރިން މަގުމަތިވެއްޖެއެވެ. ލޭއޮހޮރުވުންތައް ހިނގައިފިއެވެ. ގަތުލު ކުރެވިއްޖެއެވެ. މަސްތީ ވަބާގެ ބަލިމަޑުކަމުގައި ޖެހި ހިތާމައިގެ ސާލަކުން އަޅުގަނޑުމެން ބަނދެވިއްޖެއެވެ. ޤައުމުގެ ސަލާމަތަކީ ޤައުމުގެ ދަރިންނަށް ލިބޭ ރައްކާތެރިކަމާ ސަލާމަތްތެރި ކަމެވެ. މި ދިވެހި ދިދަޔަށް ވަފާތެރިވާން މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ލަޝްކަރީންނެވެ. މިޤައުމުގެ އަންހެންދަރިންގެ ގޮވާލުމަށް ވިސްނާށެެވެ. އެހެނީ ތީގެން ކޮންމެ ދަރިއެއް އުފަންކުރީ މިޤައުމުގެ އަންހެން ދަރީންނެވެ. މިޤައުމުގެ ފަޚުރުވެރި ދިދައަކީ އަޅުގަނޑުމެން ކޮންމެ މީހެއްހެ ހިޔަލެވެ. އެދިދައކީ އަޅުގަނޑުމެންގެ ތެރެއިން އެންމެ ނިކަމެތި އަންހެނާގެވެސް ޙިމާޔަތުގައި ވިހުރޭ އެއްޗެއްކަމުގައި ހެދުމަށް ނިޔަތް ގަންނާށެވެ. މިފަހަރު މިއަނިޔާވެރިކަމަށް ނޫނެކޭ ބުނާށެވެ. މައުމޫނަށް ނޫނެކޭ ބުނާށެވެ.
ވަޠަންގެ އަންހެންދަރިންނޭެވެ. ވަޠަން އެދޭގޮތަށް ދިއުމަށް ނުކުމެތިބި އެންމެހާ ދަރިންނާއެކު އަޅުގަނޑުމެން ހިނގައިގަންނަންވީއެވެ. ފަސްޖެހުމެއްނެތިއެވެ. ފިސާރި ކެރިގެނެވެ. ޖޯޝާއެކީއެވެ. ވަޠަންގެ ޙައްޤުގައެވެ. ދިމާވެދާނެ ހުރަހެއް ވިއްޔާ ގިރާކުރަމުންނެވެ. ހިނގަންޖެހޭ މަގު އެވަނީ ބަޔަކު ނުހަނު މަސައްކަތުން ކޮށާދީފައެވެ. ދެން އޮތީ ކުރިޔަށް ދިއުމެވެ. އަޅުގަނޑުމެން އަންހެނުންނަކީ ހިތްވަރުގަދަ ބައެއްކަމުގައި ނުވަނީ ހެއްޔެވެ. މިޤައުމުގެ ކޮންމެ ދަރިއަކީ އަޅުގަނޑުމެންގެ ބަނޑުން އުފަންކުރި ދަރިންނެވެ. އޭ ވަޠަންގެ އަންހެ ދަރިންނޭވެ. ވަތަން އެދޭގޮތަށް ދަމާހެ ހެޔޮހިތުން މިޖާންދޭން..................