20 October 2008
އައްޑު އަތޮޅުން މައުމޫނަށް ބޮޑެތި ނާކާމިޔާބީ: މީދޫ އަށް އަރާވަޑައިގަތީ ހިތަދޫ އިން އޮށްގަލާއި، ލަކުޑިބުރިބުރި ހިފައިގެން ދިޔަ 50 ޑްރަގް ޕާޓޭއިންގެ އެހީ
ސިޔާސީ ބޭނުމަކަށްޓަކައި ދުރާލާ އިމާމުވެ ނަމާދުކުރައްވަމުން ވަޑައިގެންނެވި އިސްލާމީ ގައުމެއްގެ ހަމަ އެކަނި ވެރިޔާ މައުމޫނު އަބްދުލް ގައްޔޫމު ކެމްޕޭނުގައި ދިވެހި ރާއްޖޭގެ ފަޚުރުވެރި އައްޑު އަތޮޅަށް ވަޑައިގެން ބޭޒާރުވެ ވަޑައިގަންނަވައިފިއެވެ. މަރަދޫގައި ބާއްވަން އުޅުއްވި ޖަލްސާއެއް ނުބޭއްވުނެވެ. މީދޫ އަށް އަރައި ވަޑައިގަންނަވަން ޖެހުނީ އެއަތޮޅު ހިތަދޫ އިން އޮށްގަލާއި ލަކުޑި ބުރިހިފައިގެން ދިޔަ 50 ޑްރަގް ޕާޓޭ އިންގެ އެހީގައެވެ.
އިއްޔެ ފުރަތަމ ވަޑައިގަތީ ހުޅުދޫއަށެވެ. ހުޅުދޫގައިވެސް އެއްވެސް ތަރުހީބެއް ނެތެވެ. ޑީ.އާރު.ޕީ ގެ މަދު މެމްބަރުން ކޮޅަކާއި ބައްދަލު ކުރީ އެރަށު ހިއްކި ތަނުގައެވެ. އެތަން ފުލުހުން ލައްވާ 2 ގަޑި އިރުކުރިން ސަރަހައްދު ބަންދުކުރިއެވެ. ހަމަ އެގޮތަށް މީދޫގަވެސް ބައްދަލު ކުރަން ޖެހުނީ ހިއްކިތަނުގައެވެ. އެރަށުގަވެސް ހިއްކި ސަރަހައްދު 2 ގަޑި އިރުކުރިން ބަންދު ކުރިއެވެ. ދެރަށް އެއްކޮށް އޮތް ނަމަވެސް ދެރަށަށް ވެސް ވަޑައިގަތީ ލޯންޗުގައި ވަކި ވަކިންނެވެ.
މިދެ ރަށުގައިވެސް ސަޕޯޓު ނެތްކަން އެދެރަށުގައި ތިބި ޑީ.އާރު.ޕީ ގެ މަދު މެމްބަރުން ކޮޅެއް ކުރީ ބައިގާ އެންގުމުން މައުމޫނު މީދުއަށް ވަޑައިގަތުމުގެ 1 ގަޑިއިރު ކުރިން ހިތަދޫ ހުސެން ސާލިހުގެ އަމިއްލަ ދޯންޏަކުން ފަންސާހަށްވުރެ ގިނަ ޕާޓޭއިން މީދޫއަށް ފޮނުވިއެވެ. ހަމަ މިދޯނިން ހުސައިން ސާލިހު މައުމޫނު މީދޫގައި ދުއްވުމަށް ޚާއްސަ ކުރެވިފަވާ ކާރެއްވެސް ފޮނުވިއެވެ. މިދޯނީގައި އައި މީހުން މީދޫއަށް އައިސްފައިވަނީ ހަމަނުޖެހުމަކާއި ކުރިމަތިލާން ވަރަށް ރަގަޅަށް ތައްޔާރު ވެގެންނެވެ. ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވިދާނެ ސާމާނު ދޯންޏަށް ލާފައިވާނެކަމަށް އެދޯނީގައި ދަތުރު ކުރި މީހެއްގެ ފަރާތުން އެގިފައިވެއެވެ. މިގޮތުން އޮށްގަލާއި، އަތަށް ހެޔޮވަރުގެ ލަޓިބުރިތައް ވާވަރަށް ދޯންޏަށް އަރުވާފައި ވާނޭކަމުގައި އެމީހާ ބުންޏެވެ. ހުސެއިން ސާލިހުގެ ބެލުމުގެ ދަށުން މިއައި ގްރޫޕްގެ މީހުން މައުމޫނު މީދޫއަށް ފައިބާ ވަޑައިގަތުމުން މީދޫ މީހުންގެ މަތިން މައުމޫނަށް ތާއީދުކޮށް އަޑުއުފުލިއެވެ. އެކަމަކު އެތަނަށް ދިޔަމީހަކު ބުނީ ދިޔަ ޕާޓޭ އިންގެ ތެރެއިން ބައެއް މީހުންނަށް ފުރަތަމަ ދެތިން ފަހަރު އޮޅިގެން ގޮވިފައިވަނީ “މައުމޫނު އިސްތިއުފާ” އޭ ކަމުގައެވެ.
މަރަދޫ، ހުޅުދޫ އާއި މީދޫ އިން ލިބިވަޑައިގެންނެވި މިނާކާމިޔާބީއަށް ފަހުމައުމޫނު ކެމްޕޭންގެ ރޭގެ ޖަލްސާ ބޭއްވީ ހިތަދޫގައެވެ. ޖަލްސާއަކަށް މާގިނަ ބަޔަކު ހާޒިރެއް ނުވެއެވެ.