<< Back to Home Page

18 October 2008

ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިޚާބެއް ބޭއްވެވުމަށް ނިންމެވުމަކީ ޑިމޮކްރަސީގެ ލާމަސީލު ނަމޫނާއެއް ކަމަށް ޑރ. ޝަހީދު ވިދާޅުވެއްޖެ

އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވައި އިންތިޚާބެއް ބާއްވާނެ ކަމަށް އެމްޑީޕީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ޑިމޮކްރަސީގެ ލާމަސީލު ނަމޫނާއެއް ކަމަށް އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑރ ހަސަން ސައީދުގެ ރަނިންގމޭޓް ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ކަމުން އަމިއްލައަށް އިސްތިއުފާދެއްވި ޑރ އަހުމަދު ޝަހީދު ވިދާޅުވީ ނަޝީދުގެ އެނިންމެވުމަށް ވަރަށްބޮޑަށް މަރުހަބާ ކިޔާ ކަމަށާއި އެކަމުން ދެކަމެއް ހާސިލް ވެގެން ދާނޭ ކަމަށެވެ.

ސަރުކާރުގައި ހުންނަވައިގެން އެތެރެއިން އިސްލާހު ގެންނަވަން ކުރެއްވި މަސައްކަތް ކާމިޔާބު ނުވުމުން އިސްތިއުފާދެއްވި ޑރ ޝަހީދު ވިދާޅުވީ އެއްކަމަކީ ގޮތެއް ނިންމަން ދަތިވެފައިވާ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދާނޭ ކަމަށެވެ.

”ބައެއް މީހުން މިކިޔަނީ އަންނި ވީމައޭ ތިމަންނަމެން. މިހާރު އެނގޭނެ އަންނިއެއް ވެރިކަމަކު ނުހުންނާނެކަން. މިހާރު މިއޮތީ ގުޅުމެއްކަން. އިންތިޚާބު ކާމިޔާބު ވުމާއެކު އިސްތިއުފާ ދެއްވާނެކަން. އަންނިގެ މިނިންމެވުމުން ގިނަބަޔަކު މިހާރު އަންނިއަށް ތާއީދު ކުރައްވާނެ“ ޝަހީދު ވިދަޅުވިއެވެ.

ޝަހީދު ވިދާޅުވީ, އިސްލާހަށް މަސައްކަތް ކުރާމީހުން އަބަދުވެސް ވިދާޅުވަމުން އަންނަ އެއްވާހަކައަކީ މައުމޫނު ވެރިކަމުގައި ހުންނަވައިގެން ރަނގަޅު އިންތިޚާބެއް ނުބޭއްވޭނެ ކަމާއި ފުރަތަމަ ޖެހެނީ ޚުދުމުޚްތާރު ވެރިކަން ނިމުމަކަށް ގެންނަން ކަމަށެވެ. މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނީ އޭގެފަހުން ކަމަށެވެ.

”އެހެންވެ އަބަދުވެސް އިންތިޤާލީ މަރުހަލާގެ ވާހަކައެއް ދައްކަނީ. އިންތިގާލީ ވަގުތީ ސަރުކާރެއްގެ ވާހަކަދައްކަނީ. މައުމޫނު ވެރިކަމުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަން އުޅުއްވައިގެން މިނިވަން އިންސާފްވެރި އިންތިޚާބެއް ނުބެއްވޭނެތީ.“ ޝަހީދު ވިދަޅުވިއެވެ. ޝަހީދު ވިދާޅުވީ ޤައުމުގެ ބޮޑުބައެއް ބޭނުންވަނީ އިސްލާހާ ގުޅިފައިވަނީ 30 އަހަރުވީ މައުމޫނުގެ ދިގުވެރިކަން ނިމުމަކަށް ގެނައުން ކަމަށާއި މައުމޫނުގެ ވެރިކަން ބަދަލުކުރުން ކަމަށެވެ.

”ނަޝީދު އެނިންމެވީ އެންމެންވެސް އެދޭގޮތަށް. އެއީ ފުރަތަމަކަމަކީ މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުން. އެއަށްފަހު ރައްޔިތުން ބޭނުންވާ ވެރިއަކު ގެނައުމަށްޓަކައި އަލުން އިންތިޚާބެއް ބޭއްވުން. ނަޝީދު އެހެއްދެވީ އެގޮތަށް. ނަޝީދު އެދެކެވަޑައިގަންނަވަނީ އިންތިޚާބު ކާމިޔާބުވުމުން އެފެށުނީ އިންތިގާލީ މަރުހަލާއަށް ކަމަށް. ރައްޔިތުން އެދޭގޮތަށް ދިއުމަށްޓަކައި އެޅޭ ފާލަމެއްކަމަށް. އިސްތއިުފާދެއްވާފައި އެބޭފުޅުންނަށްވެސް ކުރިމަތިލެއްވިދާނެ. އެނިންމެވުމަކީ ޑިމޮކްރަސީގެ ނަމޫނާ މިސާލެއް. އެއިން ދޭހަކޮށްދެނީ ނަޝީދު ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތްކަން.“ ޝަހީދު ވިދާޅުވިއެވެ.

މައުމޫނާ ދެކޮޅަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ އިއްތިހާދާ ގުޅިވަޑައިނުގަންނަވާ ހުންނެވި އައިޑީޕީގެ ރައީސް އުމަރު ނަސީރު ވިދާޅުވީ އަންނިގެ އެނިންމެވުމަކީ ހަޤީގަތަކަށް ވެއްޖެނަމަ އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާވާނެ ހަމައެކަނި ގޮތަކީ އެއީ ކަމަށެވެ.

”އެއީ ވަރަށް ރަނގަޅުކަމެއް އެގޮތަށް އެކަން ވެއްޖިއްޔާ. އެކަމަކު އަޅުގަނޑަކަށް އިތުބާރެއް ނުކުރެވޭ. އެހެންވެ އަޅުގަނޑު ނުގުޅި މިހުންނަނީ. އަޅުގަނޑަކަށް މައުމޫނުގެވެސް އަދި އަންނިގެވެސް އިތުބާރެއް ނެތް. މައުމުނުގެ އިތުބާރުވަނީ ވެއްޔާ މޮޑެވިފައި. އަންނިއަކަށް އިތުބާރެއް ނުކުރެވޭ. އެކަން ކޮށްފިއްޔާ ވަރަށް ރަނގަޅު“ އުމަރު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ބުދަދުވަހުގެރޭ އައްޑޫގައި އެގުޅުމުން ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ މިހާރު ހިނގަމުންމިދާ ވެރިކަން ބަދަލުވި ކަމުގައި ވިނަމަވެސް ރައްޔިތުން އެދޭފަދަ ރަނގަޅު ވެރިކަމެއް ގާއިމް ކުރެވޭނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިގެން ކަމަށެވެ. އެފުރުސަތު އިންތިހާބީ ރީތިއުސޫލުންނާއި ޑިމޮކްރެޓިކް އުސޫލުތަކުން ގެނެސްދިނުމުގެ ފުރުސަތު ދެއްވާނެކަމަށް ވިދާޅުވަމުން އަންނި ވިދާޅުވީ ކުރިއަށް އޮތްތާނގައި މިގައުމުގެ އެކި ކަންތައްތަކަށް އިސްކުރެވޭ ވެރިން އިސްކުރުމުގައި ރައްޔިތުން އެދޭ ރަނގަޅު ޑިމޮކްރެސީގެ އުސޫލަށް އިސްކަން ދެއްވާނެ ކަމަށެވެ.

” އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދައުރުގެ މެދުން އަދި ތިޔަބޭފުޅުންނަށް ރިޔާސީ އިންތިޚާބެއް ފޯރުކޮށްދޭނަން. އަޅުގަނޑެއް ނުވާނަމޭ ތިޔަބޭފުޅުން އުންމީދުކުރާ ސިޔާސީ ލީޑަރުންގެ ވެރިކަމުގެ އުންމީދަށް ހުރަސްއަޅާ މީހަކަށް. އަޅުގަނޑު މިމަސައްކަތަށް ނުކުތީ ވެރިކަމުގެ ދަހިވެތިކަމަކު ނޫނޭ. އަޅުގަނޑު މިމަސައްކަތަށް ނުކުތީ އަޅުގަނޑަށް ލިބުނު އަނިޔާއަކާއި އަޅުގަނޑުދަންނަ އެތައް ބަޔަކަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަރިހަމަކޮށްފައި ގޭގައި ހުރުން އެއީ އަޅުގަނޑަށް ކުރެވެން ނެތް ކަމަކަށް ވެގެން.“ އަންނި ވިދާޅުވި އެވެ.